ޖަޒީރާ ނޫސް
އިންވޮއިސްއެއް ނެތި ޑީއާރުޕީގެ ޒައީމްގެ މެނިފެސްޓޯ އޮޅުވާލައިގެން އެތެރެކުރިކަން ކަސްޓަމްސްގެ ރެކޯޑްތަކުން ފަޅާއަރައިފި އެވެ. ކަސްޓަމްސްއިން މި މުދާތައް ބޭރުކުރި ގްޑްސް ޑެކްލަރޭޝަން ފޯމްތަކުގެ ކޮޕީއެއް މިއަދު ވަނީ ޖަޒީރާއަށް ލިބިފަ އެވެ. މި ތަކެތި ބޭރުކޮށްފައި ވަނީ ހުސްވި މަހުގެ 26 ވަނަ ދުވަހު އެވެ.
ޑީއާރުޕީގެ ރިޔާސީ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފުގެ ނަމުގައި ގެނައި ކެމްޕެއިން މެޓީރިއަލްގެ އިންވޮއިސް ހަދާފައިވި ނަމަވެސް މިތަކެތި ނެރެފައި ވަނީ އިނަރ މޯލްޑިވްސް ހޮލިޑޭގެ ނަމުގަ އެވެ. އިބާރާކީ ލަންކާ ޕްރައިވެޓް ލިމިޓެޑްން ޕްރިންޓް ކޮށްފައިވާ ބެނާތަކުގެ ޖުމްލަ އަދަދެއްކަމަށް އެ އިންވޮއިސްގައި ވަނީ 450 އެވެ. މުޙައްމަދު ހުސައިން ޝަރީފުގެ ނަމުގައި އެކުންފުނިން ހަދާފައިވާ އިންވޮއިސްގެ މަތީގައި އިނަރ މޯލްޑިވްސް ހޮލިޑޭސްގެ ނަން ލިޔެފައި ވަނީ ވެސް އަތުންނެވެ.
ކަސްޓަމްސްގެ ގުޑްސް ޑިކްލަރޭޝަން 43844 އާރު, ފޯމުން އިތުރުވި މުދަލުގެ ގޮތުގައި 300 ބެނާ އާއި 5922ފޮތް މެނިފެސްޓޯ އެތެރެކޮށްފައިވާ ކަމަށް 43859 އާރު ފޯމުން އެނގެން އެބައޮތެވެ. ކަސްޓަމް ޑިއުޓީގެ ގޮތުގައި ދައްކާފައިވާ ކަމަށް އެ ފޯމުން އެނގެން އޮތީ 450 ބެނާއަށްވާ 5695.13ރ އެވެ. އަދި މީގެ އިތުރުން އިންވޮއިސްއަށްވުރެ އިތުރުވި 300 ބެނާއަށާއި 5922 މެނިފެސްޓޯއަށް ވެސް 2976.10ރ ވަނީ ޑިއުޓީގެ ގޮތުގައި ފަހުން ދައްކާފަ އެވެ. މި ފައިސާ ދައްކާފައި ވަނީ ހުސްވި މަހުގެ 27 ވަނަ ދުވަހު އެވެ.
އިންވޮއިސްގައި ބުނާ އަދަދަށްވުރެ އިތުރަށް އެތެރެކުރި 300 ކްލޯތް ބެނާއާއި އިންވޮއިސްގައި ނުހިމަނާ އެތެރެ ކޮށްފައިވާ މެނިފެސްޓޯތައް ނެރެފައި ވަނީ މަތީ ފަރާތުން އަންގައިގެން ކަމަށް މުދާ ދޫކުރުމަށްފަހު ނޯޓް ކުރާ ފޮތުން އެނގެން އެބައޮތް ކަމަށް ކަސްޓަމްސްގެ އޮފިސަރަކު ވަނީ ޖަޒީރާއަށް ޔަގީންކޮށް ދީފަ އެވެ.
ކަސްޓަމްސްއިން އާއްމުކޮށްފައިވާ ގަވާއިދަށް ބަލާއިރު, އިންވޮއިސްގައި ހިމަނާފައިވާ މުދަލަށްވުރެ އިތުރަށް އެ އިންވޮއިސްގެ ވެލިއުގެ ދިހަ އިންސައްތަ އިތުރުވެއްޖެ ނަމަ ޖޫރިމަނާގެ ގޮތުގައި 30 އިންސައްތަ ދައްކަންޖެހެ އެވެ. މިއަދަދު 30 އިންސައްތަ އިތުރުވެއްޖެ ނަމަ ޖޫރިމަނާގެ ގޮތުގައި 50 އިންސައްތަ ދައްކަންޖެހެ އެވެ. 50 އިންސައްތަ އިތުރުވެއްޖެ ނަމަ ޖޫރިމަނާގެ ގޮތުގައި 100 އިންސައްތަ ދައްކަންޖެހެ އެވެ.
މެނިފެސްޓޯއާއި އިތުރަށް އެތެރެކުރި ބެނާތަކުގެ އަގަށް 18،739.16ރ ޖެހޭ ކަމަށް ކަސްޓަމްސްގެ 43859 އާރުފޯމުން އެގެން އެބައޮތެވެ. މިއީ އޮޅުވާލައިގެން އިތުރަށް އެތެރެކުރި މުދާކަމަށް ވެފައި މި މުދަލުގެ އަގު 82.3އިންސައްތަ އިތުރުވާތީ ޖޫރިމަނާގެ ގޮތުގައ މިފޯމްގައިވާ އަގުގެ 100 އިންސައްތައަށްވާ 18،739.16ރ އިނަރ މޯލްޑިވްސް ހޮލިޑޭސްއިން ޖޫރިމަނާގެ ގޮތުގައި ކަސްޓަމްސްއަށް ދައްކަން ޖެހެ އެވެ. މި މުދާ ނެރެފައި ވަނީ މި ފައިސާ ކަސްޓަމްސްއަށް ނުދައްކަ އެވެ.
66 ސަފްޚާގެ ކަލަރ އޮފްސެޓް ޕްރިންޓް ކޮށްފައިވާ ފެނިފެސްޓޯއެއްގެ އަގު ކަސްޓަމްސްއިން ފާސްކޮށްފައި ވަނީ އިނަރ މޯލްޑިވްސްއިން ހުށަހެޅި އަގުކަމަށް ވާ ކޮޕީއަކަށް 15 ސެންޓް (1.93ރ ) އަށެވެ. ވިހި އިންޗި 30 އިންޗީގެ ބެނާއެއްގެ އަގު ފާސްކޮށްފައި ވަނީ ހުށަހެޅި އަގުކަމަށްވާ 1.90 ޑޮލަރު (24.40 ރ) އަށެވެ.
އިންވޮއިސްއެއް ނެތި ޑީއާރުޕީގެ ޒައީމްގެ މެނިފެސްޓޯ އޮޅުވާލައިގެން އެތެރެކުރިކަން ކަސްޓަމްސްގެ ރެކޯޑްތަކުން ހާމަވެއްޖެ
















0 Comments:
Post a Comment