މާމެންދޫ ***********************ލ.އަތޮޅު މާމެންދޫ***********************

އެއްބަސްވި ގޮތާއި ޚިލާފަށް ޑީއާރްޕީގެ ޒައީމް މައުމޫން އެހެން ކެންޑިޑޭޓުންނަށް ބަހުގެ ޙަމަލާތައް ދެއްވައިފި


(ހާމަ ނޫސް)
"ރިޔާސީ ކެންޑިޑޭޓުންގެ ސުވާލާއި ޖަވާބް" ސެޝަންގައި އެއްބަސްވި ގޮތާއި ޚިލާފަށް ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް އެހެން ކެންޑިޑޭޓުންނަށް ބަހުގެ ރައްދުތަކެއް ދެއްވައިފިއެވެ. ޒައީމް މައުމޫން މިގޮތަށް ރައްދުދެއްވިނަމަވެސް، އެއްބަސްވުމުގައިވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުނުދީ ކުރިއަށް ގެންދާގޮތަށެވެ.

މާޒީގައި ހިނގާފައިވާ ކަންތައްތަކަށް ކެންޑިޑޭޓުން އަލިއަޅުވާ ފުރަތަމަބުރުގައި ވާހަކަދެއްކެވުމުން، "މަސްވެރިކަމާއި ފަތުރުވެރިކަންފަދަ ރާއްޖޭގެ މުހިއްމު ސިނާއަތްތަކުން ރާއްޖެއަށް ލިބޭ އާމްދަނީގެ މަންފާ އެންމެ ފުރިހަމަގޮތަށް ބޭނުންކުރައްވަން ގެންގުޅުއްވާނެ ސިޔާސަތަކީ ކޮބައިތޯ" މައުމޫނަށް ސުވާލު ދެންނެވުމުން ޖަވާބްދެއްވީ ސުވާލާއި މުޅިން ދުރަށެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނާއި އެކުރައްވާ ސުވާލުތައް ވިސްނައިގަތުމުގައި މައްސަލަތަކެއް އެބަ އުޅޭހެން. ކުރައްވާ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް އެހެންވާހަކަތައް އެބަ ދެއްކޭ. މިސާލަކަށް މިރޭ އަޅުގަނޑުމެން މިތަނަށްއައިސް މިތިބީ ކުރިމަގު ބައްޓަންކުރާނެގޮތް ހާމަކޮށްދިނުމަށް. މިއައިސް މިތިބީ ވޭތުވެދިޔަ ތާނގެ ވާހަކަތައް ދައްކާކަށްނޫން. އަޅުގަނޑުމެންގެ ހަނދާންތައް ލައްކަ ބަލިކަމަށް ފެންނަނީ. އިސްލާހީ ޕްރޮގްރާމަކީ އަޅުގަނޑު ހުށަހެޅި ޕްރޮގްރާމެއް. އެއީ ބޭރުގެ ފަރާތަކުން ޕްރެޝަރުކޮށްގެން އިއުލާންކުރި އެއްޗެއްނޫން. ބޭސްފަރުވާއަކީ ސަލާންޖަހައިގެން ލިބޭ އެއްޗެއްނޫން. ހަމަ ދައުލަތުގެ ބަޖެޓުން ހަމަޖެހިފައިއޮންނަ އުސޫލަކުން އެކަންވެސް ކުރިއަށްދޭ. ތީމުގޭ ބަޖެޓުގެ 80 ޕަސަންޓް އަކީވެސް ހަމަ ރައްޔިތުންނަށް ދެވޭ އެހީ އިނގޭތޯ. މިވާހަކަތައް މިދައްކަނީ ކޮންމެވެސް އެހެން މަގްސަދެއްގައި. ޤާނޫނުތައްވެސް ހުރީ ހެދިފައި. މިތާނގައި މިއޮތީ ޚުދުމުޚުތާރު ވެރިކަމެއްވެސް ނޫން. ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި އޮވެގެން ޤާނޫނާއި ގަވާއިދާއި އެއްގޮތަށް" ދެވަނަ ބުރުގެ މައުމޫނާއި ސުވާލުކުރުމުގެ ކުރިން ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމާއި، އަމިއްލަގޮތުން ކުރިމަތިލައްވާ ޑރ.ހަސަން ސައީދުގެ ވާހަކައަށް ރައްދު ދެއްވައި، ސުވާލާއި ނުގުޅޭ ވާހަކަތަކެއް ޒައީމް މައުމޫން ވިދާޅުވިއެވެ.

މީގެއިތުރުން ރޭ ފާހަގަކުރެވުނު އަނެއްކަމަކީ "މާލެއާއި ރާއްޖެތޭރޭ" މީހުންނާއި ދޭތެރޭ އެއްހަމައަކުން އަމަލު ނުކުރެވޭނެކަމަށް ބުނާފަދަ މޭރުމަކުން ޒައީމް މައުމޫން ދެއްކެވި ވާހަކަފުޅެވެ. އެމެރިކާގަވެސް އިނގިރޭސިވިލާތުގަވެސް ސިޓީތަކުގައި ތިބޭ މީހުންނާއި ވިލެޖްތަކުގައި ތިބޭ މީހުންނާއި ވަރަށް ތަފާތުވާނެކަމަށާއި، އެއްވެސް ތަނެއްގައި އެއްވެސްބަޔަކަށް ހަމަހަމަގޮތެއްގައި ހުރިހާ ޚިދުމަތެއް ނުދެވޭނެކަމަށް ޒައީމް މައުމޫން ވިދާޅުވިއެވެ. "ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ތައުލީމާއި ސިއްހީ ޚިދުމަތްތައް ހަމަހަމަގޮތެއްގައި ފޯރުކޮށެއް ނުދެވޭ. އެމެރިކާގަވެސް އިނގިރޭސިވިލާތުގަވެސް ސިޓީތަކުގައި ތިބޭ މީހުންނާއި ވިލެޖްތަކުގައި ތިބޭ މީހުންނާއި ވަރަށް ތަފާތުވާނެ. އެއްވެސް ތަނެއްގައި އެއްވެސްބަޔަކަށް ހަމަހަމަގޮތެއްގައި ހުރިހާޚިިދުމަތެއް ނުދެވޭ" ދިވެހި ބައެއް ރައްޔިތުންވެސް މިނޫހަށް ގުޅައި ޒައީމް މައުމޫންގެ މިބަސްކޮޅަކީ، ކުރިއަށް އޮތްތަނުގައިވެސް މާލެއާއި ރާއްޖެތެރޭގެ މީހުންގެ ފަރަގު ކުޑަނުކުރެވޭނެކަމަށް ބުނާ ބުނުމެއްގެ ފެހި ސިގްނަލްކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު ރައީސް މައުމޫންވަނީ އެމަނިކުފާނުގެ ޒަމާންވީ ޚިޔާލީ ފޮލާއެއްކަމަަށްވާ "ހުޅުމާލެއާއި މާލެއާއި ދޭތެރޭ ބްރިޖް" އެޅުމުގެ ވައުދުވެވަޑައިގެންފައެވެ. އެމަނިކުފާނު އެވާހަކަ ވިދާޅުވުމުން އެސުވާލާއި ޖަވާބު ސެޝަންގެ އަޑު އަހަންގޮސްތިބި މީހުން އެކަކު އަނެކަކަށް ހޭންފެށުމުން ޒައީމް ވިދާޅުވީ މިއީ ތަސައްވުރެއް ނޫންކަމަށާއި، މީގެ ހަގީގީ ކުރެހުމެއް އެބަ އޮތްކަމަށެވެ. "ދިވެހި ރައްޔިތުން ދެންއަންނަ ދައުރަކަށް ހޮވައިފިއްޔާ އަޅުގަނޑު ކުރަން ގަސްދުކުރާ އެންމެބޮޑު ކަމަކީ މާލެއާއި ހުޅުމާލެއާއިދޭތެރެ ގުޅުވާލާނެ ފާލަމެއް އެޅުން. މިއީ ތަސައްވުރެއް ނޫން. މީގެ ހަގީގީ ކުރެހުމެއް އަޅުގަނޑުއަތުގަ އެބައޮތް" ހުޅުމާލެއާއި މާލެއާއި ދެމެދު ބްރިޖެއް އަޅާވާހަކަ ޒައީމް މައުމޫން ދެއްކުންވަނީ ގިނަ ބަޔަކަށް ޖޯކަކަށެވެ.

މިސެޝަންގައި މޮޑަރޭޓްކުރަން އިންނެވި އިބްރާހިމް ޢުމަރު މަނިކަށް ގިނަ މިސްޓޭކްތަކެއް ހެދިގެންދިޔަތަން ފެނުނެވެ. މިގޮތުން ސުވާލުކުރަންވީ ތަރުތީބު އޮޅި، ބައެއްފަހަރު ކެންޑިޑޭޓުން ނިސްބަތްވެވަޑައިގެންނެވި ޕާޓީގެ ނަންވެސް ކިޔާފައިވަނީ ނުބައިކޮށެވެ.



0 Comments:

 
© All rights reserved by maamendhoo live 2008